Source: Times Higher Education

ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ޔުނިވަރސިޓީތަކުން ބައިނަލްއަގުވާމީ އެކި ރޭންކިންގތަކުގައި އެ ޔުނިވަރސިޓީ އަކަށް ލިބޭ މަގާމުތައް ފަޚުރުވެރި ކަމާއެކު އިއުލާނު ކުރެ އެވެ. މިގޮތުން “ދުނިޔޭގެ އެންމެ މޮޅު ޔުނިވަރސިޓީތަކުގެ” ތެރޭގައި މިވެނި ޔުނިވަރސިޓީ އެއް ހިމެނިއްޖެ ނުވަތަ “ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭންކިންގ” ގައި މިވެނި ޔުނިވަރސިޓީއެއް ކުރިއެރުން ހޯދައިފި ފަދަ ވާހަކަތައް ލިޔެ ނުހަނު ފޯރީގައި ފަތުރަ އެވެ.

ދުނިޔޭގެ ޔުނިވަރސިޓީތައް ރޭންކު ކުރާ ތަފާތު  އޯގަނައިޒޭޝަންތައް ހުރެ އެވެ. މިގޮތުން އިސްވެ ބުނެވުނު ދެ ރޭންކިންގ އަކީ ޓައިމްސް ހަޔަރ އެޑިއުކޭޝަން އިން ކޮންމެ އަހަރަކު ޝާއިއު ކުރާ ރޭންކިންގ އެވެ. ނަމަވެސް މި ދެ ރޭންކިންގ އަކީ އުޑާ ބިމާހާ ތަފާތު ދެ ރޭންކިންގކަން އެނގެނީ އާއްމުންގެ ތެރެއިން ކިތައް މީހުންނަށް ބާވަ އެވެ؟ ރާއްޖޭގައި މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން ފައިބެ އަހަރާއި މިއަހަރު ބައިވެރިވެގެން އުޅެނީ ޓައިމްސް ހަޔަރ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭންކިންގގަ އެވެ. ދުނިޔޭގެ ޔުނިވަރސިޓީ ރޭންކިންގ އަކު ނޫނެވެ.

ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭންކިންގ ގައި ބަލަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (SDGs) ހާސިލުކުރުމަށް އެ ޔުނިވަރސިޓީ އަކުން ކުރަނީ ކޮންކޮން ކަމެއްތޯ އެވެ. އަދި އެ ކަންކަމުން މުޖުތަމައަށް ކުރަނީ ކިހާ ފުން އަސަރެއް (އިމްޕެކްޓެއް) ތޯއެވެ. ކުރުކޮށް ބުނާނަމަ މީގައި ބަލަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ 17 ލަނޑުދަނޑި އަށް ޔުނިވަރސިޓީތަކުން ދޭ އެއްބާރުލުމެވެ. މިސާލަކަށް: 1. ފަގީރުކަން ނައްތާލުން، 2. ހައި ހޫނުކަން ނައްތާލުން، 3. ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން، 4. ފެންވަރު ރަނގަޅު ތައުލީމު …. 17. ލަނޑުދަނޑިތައް ހާސިލުކުރުމަށް ގާއިމުކުރެވޭ ގުޅުންތައް، ފަދަ ކޮންމެ ލަނޑުދަނޑި އެއް ހާސިލު ކުރުމަށް އެ ޔުނިވަރސިޓީ އަކުން އެހީތެރިވާ މިންވަރެވެ.

އެހެންކަމުން، ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭންކިންގ ގައި ޖުމްލަ ގޮތެއްގައި ބަލަނީ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމާއި، ލެބޯޓަރީތަކުގެ ތެރޭގައި ހިނގާ ކަންކަމަކަށް ވުރެ ބޮޑަށް، ކުރިން ބުނެވުނު 17 ލަނޑުދަނޑި ހާސިލުކުރުމަށް ޖުމްލަ ގޮތެއްގައި ޔުނިވަރސިޓީން އެހީތެރިވާ މިންވަރާއި އެކަންކަމުން މުޖުތަމައަށް ފޯރުވާ އަސަރަށެވެ.  

ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭންކު ކުރަނީ ކިހިނެއް؟

ދުނިޔޭގެ މޮޅު ޔުނިވަރސިޓީތަކުގެ ރޭންކިންގއާ ޚިލާފަށް، ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭންކިންގގައި ޔުނިވަރސިޓީތަކުން ޖެހެނީ ދެމެހެއްޓެނިވި ތަރައްގީގެ ވަކިވަކި ލަނޑުދަނޑިތަކަށް އެ ޔުނިވަރސިޓީ އަކުން އެހީތެރިވެދޭ މިންވަރު، ހެކިތަކާއެކު ހުށަހަޅާށެވެ. މިގޮތަށް ކޮންމެ ޔުނިވަރސިޓީ އަކުން ހުށައަޅާ މައުލޫމާތާއި ހެކީގެ މައްޗަށް ބިނާކޮށް، އެ ޔުނިވަރސިޓީއެއްގެ އިމްޕެކްޓް މިންކުރެ އެވެ.

މިސާލަކަށް، “ފެންވަރު ރަނގަޅު ތައުލީމު” މިލަނޑުދަނޑި އަށް ހެކި ހުށައަޅާނަމަ މީގެ ތެރޭގައި ހިމެނޭ ތިރީގައިވާ 10 ކަމަށް ބަލާނެ އެވެ.

  1. ފެންވަރު ރަނގަޅު އިބްތިދާއީ އަދި ސާނަވީ ތައުލީމު، ހުރިހާ ކުދިންނަށް ފަހިކޮށްދިނުން (ޔުނިވަރސަލް އެކްސެސް ޓު ކޮލިޓީ ޕްރައިމަރީ އެންޑް ސެކަންޑަރީ އެޑިއުކޭޝަން)
  2. ޅަފަތުގެ ތައުލީމާއި ކުޑަކުދިންގެ ހެދިބޮޑުވުން (އަރލީޗައިލްޑްހުޑް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމެންޓް)
  3. ހަމަހަމަ ކަމާއެކު ފަންނީ، މަސައްކަތްތެރިކަން އަދި މަތީތައުލީމުގެ ފުރުޞަތުތައް ފަހިކުރުން (އީކުއަލް އެކްސެސް ޓު ޓެކްނިކަލް، ވޮކޭޝަނަލް އެންޑް ހަޔަރ އެޑިއުކޭޝަން)
  4. ވަޒީފާގެ ބާޒާރަށާއި އަމިއްލަ ވިޔަފާރިއަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުން (ސްކިލްސް ފޮރ އެމްޕްލޮއިމަންޓް އެންޑް އޮންޓޮޕްރޮނަރޝިޕް)
  5. ހަމަހަމަކަމާއި ޝާމިލުކުރުން އިތުރުކުރުން (އިކުއިޓީ އެންޑް އިންކްލޫޝަން)
  6. ލިޔަންކިޔަން ދަތުމާއި އަސާސީ ހިސާބު އިލްމު އުނގަންނައިދިނުން (ލިޓްރަސީ އެންޑް ނިއުމެރަސީ)
  7. ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ތައުލީމާއި ބައިނަލްއަގުވާމީ ޒިންމާދާރު ފަރުދަކަށްވުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން (އެޑިއުކޭޝަން ފޮރ ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް އެންޑް ގްލޯބަލް ސިޓިޒެންޝިޕް)
  8. އުނގެނުމަށް ފަހި، ރައްކާތެރި އަދި ޝާމިލު މާހައުލެއް ގާއިމުކުރުން (ސޭފް، އިންކްލޫސިވް އެންޑް އިފެކްޓިވް ލަރނިންގ އެންވަޔަރަންމެންޓްސް)
  9. ކިޔެވުމަށް ދެވޭ ސްކޮލަރޝިޕްތަކާއި ބައިނަލްއަގުވާމީ ތައުލީމީ ފުރުސަތުތައް (ސްކޮލަރޝިޕްސް އެންޑް އިންޓަރނޭޝަނަލް އެޑިއުކޭޝަނަލް އޮޕޮޗުނިޓީޒް)
  10.  ތައުލީމީ ގާބިލު މުދައްރިސުން ބިނާކުރުމާއި މުދައްރިސުންގެ ފަންނީ ހުނަރު ތަރައްގީކުރުން (ކޮލިފައިޑް ޓީޗަރސް އެންޑް ޓީޗަރ ޑެވެލޮޕްމަންޓް)

މަތީގައި ބަޔާންކުރެވުނު 10 ކަމަށް ބަލާއިރު ބައެއް ކަންކަން، މިސާލަކަށް، ނަންބަރު 1، 2، އަދި 6 އަކީ ސީދާ ގޮތުން ޔުނިވަރސިޓީ ތަކުގައި ނުވަތަ އެތަންތަނުގެ ދުވަހީ މަސައްކަތުގެ ބައެއްގެ ގޮތުގައި އާއްމުކޮށް ހިމެނޭ ކަންކަމެއް ނޫނެވެ. ދެންހުރި ކަންކަން ގުޅެ އެވެ. ނުވަތަ ގުޅުވިދާނެ އެވެ. މިގޮތުން މިކަންކަމުގެ ތެރެއިން އެ ޔުނިވަރސިޓީއަކުން ހުށައަޅާ ހެކިތަކަށް ބަލައިގެން މާކުސް ދެނީ އެވެ. މިހެންވުމުން ރޭވުންތެރިކާއެކު ދުރާލައި މިއިން ކޮންމެ ބަޔަކުން ހުށައަޅާ ހެކިތައް އުފެއްދުމާއި، އެ ހެކިތައް އިސްތިރާޖީ ގޮތެއްގައި އެއްކޮށް ތަރުތީބުކޮށް، ކޮންމެ ހެއްކެއް އަމާޒުވާ މައިގަނޑު ކަމަކާ ސާފުކޮށް ގުޅޭގޮތަށް (އެލައިން ކޮށްގެން) ހުށައެޅުމަކީ އެބަޔަކުން ނުވަތަ ލަނޑުދަނޑި އަކުން ރަނގަޅު މާކުހެއް ލިބުމަށް އިންތިހާ އަށް މުހިއްމު ކަންކަމެވެ.  

މިގޮތުން “ފެންވަރު ރަނގަޅު ތައުލީމު” މި ލަނޑުދަނޑި އަށް ހުށައަޅާނަމަ، މީގެ ދަށުން ގެނެސްފައިވާ ކޮންމެ ކަމަކާ ގުޅޭ އިލްމީ ދިރާސާތައް ހެދުމާއި، އެކަމަކާ ގުޅޭ ގޮތުން މައުލޫމާތު ފެތުރުމާއި ހޭލުންތެރިކަން އުފެއްދުމަށް ހިންގޭ ހަރަކާތްތަކާއި، އެކަމަކާ ގުޅޭ ޔުނިވަރސިޓީގެ ސިޔާސަތުތަކާއި އުސޫލުތައް ލިޔެ ހަމަކުރުމާއި، މުޖުތަމަ އާއި ސަރުކާރާ ގުޅިގެން ތަފާތު އެކިއެކި ހަރަކާތްތައް ހިންގައި އޭގެ ހެކިތައް ނިޒާމީ ގޮތެއްގައި ޖަމާކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ކަން މިހެން ހުރުމާއެކު، “ފެންވަރު ރަނގަޅު ތައުލީމު” މި ލަނޑުދަނޑިން ވަކި ރޭންކެއް ލިބުމަކީ ކޮންމެހެން އެ ޔުނިވަރސިޓީ އެއްގައި ހިންގާ ކޯސްތަކުގެ ފެންވަރު މަތިކަން ދަލީލުކޮށްދޭ ފުރިހަމަ ހެއްކެއް ނޫނެވެ. އެހެނީ އާއްމު ކިޔަވައިދިނުމުގެ އަސާސީ ގިނަ ކަންކަމުގެ ތެރޭގައި ހިމެނޭ ކޯސް ނުވަތަ މާއްދާ ފަރުމާ ކުރުމާއި، ކިލާސްރޫމުގެ ކިޔަވަދިނުމާއި ދަރިވަރުންގެ މަސައްކަތުގެ ފެންވަރުބަލައި ފީޑްބެކް ދިނުމާއި، އެސެސްމެންޓް ތަކުގެ ފެންވަރު ހިފެހެއްޓުން ފަދަ ކަންކަމަށް މިރޭންކިންގ ގައި ރިއާޔަތް ކުރެވޭ މިންވަރު ވަރަށް ކުޑަ އެވެ. ނުވަތަ އެއް ގޮތަކަށްވެސް ނުކުރެ އެވެ. ދުނިޔޭގެ މަތީ ތައުލީމުގެ ވަރުގަދަ ގިނަ ޔުނިވަރސިޓީތަކެއް ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭންކިންގ ލިސްޓުގައި ނެތީ، ނުވަތަ އެލިސްޓުގެ ފަހަތުގައި ހިމެނިފައިވަނީ މިހެންވެ އެވެ.

ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭންކިންގގެ ޖުމްލަ މާކުސް (އޯވަރޯލް ރޭންކިންގ) ނެރޭ ގޮތަކީވެސް ޝައުގުވެރި ގޮތެކެވެ. ބައިވެރިވާ ކޮންމެ ޔުނިވަރސިޓީއަކުން ވެސް 17 ވަނަ ލަނޑުދަނޑި (ލަނޑުދަނޑިތައް ހާސިލުކުރުމަށް ގާއިމުކުރެވޭ ގުޅުންތައް) އަށް މަޢުލޫމާތު ހުށަހެޅުން މަޖުބޫރެވެ. ސަބަބަކީ ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގައި އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވާތީ އެވެ. އޭގެ އިތުރުން އެ ޔުނިވަރސިޓީ އަކުން އިޚްތިޔާރު ކުރާ މަދުވެގެން އިތުރު 3 ލަނޑުދަނޑި އެއް ހުށައެޅުމުން ފުދެ އެވެ. އެއަށްވުރެ އިތުރަށް ހުށައެޅިޔަސް މައްސަލައެއް ނެތެވެ. ބޭނުން ނަމަ ހުރިހާ ލަނޑުދަނޑި އަކަށްވެސް ހުށައެޅިދާނެ އެވެ. ނަމަވެސް ކޮންމެ ޔުނިވަރސިޓީ އަކަށްވެސް ޖުމްލަ މާކުސް ދިނުމުގައި (އޯވަރޯލް ސްކޯ ދިނުމުގައި) ބަލަނީ 17 ވަނަ ލަނޑުދަނޑި އާ އެކު ޖުމްލަ 4 ލަނޑުދަނޑި އަށެވެ.

ޔުނިވަރސިޓީ އިން ހުށައަޅާ މައުލޫމާތަށް ބިނާކޮށް މާކުސް ދެނީ ކޮންމެ ޔުނިވަރސިޓީ އަކުން ވެސް ހުށައެޅުން މަޖުބޫރު 17 ވަނަ ލަނޑުދަނޑި އަށް 22 އިންސައްތަ، އޭގެ އިތުރުން ޔުނިވަރސިޓީން ހުށައަޅާ އެހެން ލަނޑުދަނޑި ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ލިބޭ ތިން ލަނޑުދަނޑިން ކުރެ ކޮންމެ ލަނޑުދަނޑިއަކަށް 26 އިންސައްތަ ލިބޭ ގޮތަށެވެ (ޖުމްލަ 100 އިންސައްތަ). މީގެ މާނައަކީ އޯވަރޯލް ރޭންކިންގ ގައި، އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ހުރިހާ ލަނޑު ދަނޑިއެއް ހާސިލުވާ މިންވަރު ބެލުމުގެ ބަދަލުގައި، އެ ޔުނިވަރސިޓީ އަކުން އެންމެ ބޮޑު ހިއްސާއެއްވާ ދާއިރާތައް، ނުވަތަ އެންމެ ރަނގަޅަށް މާކުސް ލިބޭ 4 ލަނޑުދަނޑި އަށް އެކަނި ބެލުމެވެ.  

“ވަރޑް ޔުނިވަރސިޓީ ރޭންކިންގ” ގައި ބަލަނީ އިސްވެ ބަޔާން ކުރެވުނު ރޭންކިންގ އާ ވަރަށް ތަފާތު ކޮށެވެ. ސަސްޓެއިނަބިލިޓީ ރޭންކިންގ އާ ޚިލާފަށް ޔުނިވަރސިޓީގެ “ތައުލީމީ ފެންވަރު” މިންކޮށް އެންމެ ރަނގަޅަށް ބުނެދެނީ ދުނިޔޭގެ ޔުނިވަރސިޓީ ރޭންކިންގ ގަ އެވެ. ނަމަވެސް ލިޔުން މާ ދިގުވާތީ އެހެން ލިޔުމެއްގެ ގޮތުގައި އެބައި ގެނައުމަށް މިވަގުތަށް ކުރުކޮށްލީ އެވެ.